ޚިދުމަތްދޭ ފަރާތްތަކަށް އާ ކަރަންޓް ޓެރިފް މެތޮޑޮލޮޖީ ހުށަހަޅައިފި

މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން އިންތިޒާމްކޮށްގެން ކަރަންޓް ޓެރިފްގެ އާ ޑްރާފްޓް މެތޮޑޮލޮޖީ ކަރަންޓް ހިދުމަތްދޭ ފަރާތްތަކަށް ހުށަހެޅުމުގެ ބައްދަލުވުމެއް 13 އޮގަސްޓް 2013 ގައި ބޭއްވި މި ބައްދަލުވުން އޮތީ ސްޓެލްކޯ އާއި ފެނަކާ ހެޑް އޮފީހުގަ އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އައްޔަންކުރި ކޮންސަލްޓަންޓް މިސްޓަރ ޖޯޖް ބިރްޗާ އާއި އެމްއީއޭގެ ޓެކްނިކަލް ޓީމުން ރިސޯސް ޕާސަންސްގެ ގޮތުގައި ބައިވެރިވެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މުޅި އިގްތިސާދާއި އާންމުކޮށް ކަރަންޓް ދާއިރާއަށް މިދިޔަ އަހަރުތަކުގައި ބޮޑެތި ސްޓްރަކްޗަރަލް ބަދަލުތަކެއް އައިސްފައިވާއިރު، މި ބަދަލުތަކުގެ ބޮޑުކަމާއި ހިދުމަތްދޭ ފަރާތްތަކަށާއި ކަސްޓަމަރުންނަށް ކުރާ އަސަރު ވަޒަންކުރުމަށް ޓެރިފް ރިވިއުއެއް ކުރެވިފައެއް ނުވެ އެވެ.
އާ ޓެރިފް މެތޮޑޮލޮޖީއެއް ތައާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކަރަންޓުގެ އުފެއްދުންތެރިކަމާއި ބޭނުންކުރުން ރަނގަޅުކޮށް، މޯލްޑިވްސްގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި އެހީތެރިވުމެވެ. އާ މެތޮޑޮލޮޖީގެ ސަބަބުން ޓެރިފްތަކުން ލިބޭނެ ޖުމްލަ އާމްދަނީއަކީ ސަޕްލައިގެ އިގްތިސާދީ އަދި ފައިދާހުރި ހަރަދުތަކާއި ޓެކްސްތަކާއި އިންވެސްޓްމަންޓްތަކާއި ހިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ރޭޓް އޮފް ރިޓަންސް ހިމެނޭނެ ގޮތް ކަށަވަރުކޮށްދޭނެ ކަމެކެވެ. އިޖުތިމާއީ ހަމަހަމަކަމަކީ ވެސް އާ ޓެރިފް ސްކީމްގެ ފަންނީ ނޫން މާއްދާއެކެވެ. އާމްދަނީ ދަށް ކޮންސިއުމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމުގެ ގާބިލްކަން ހައްލުކުރާނީ ލައިފްލައިން ޓެރިފް ބޭންޑް މެދުވެރިކޮށް އަދި ކްރޮސް ސަބްސިޑީ މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
