ކ. ހުރާ ކައުންސިލާ އެކު ސޮއިކޮށްފައިވާ ފަހުމުނާމާ އައުކޮށްފި
ކ. ހުރާގެ ފެނުގެ ނިޒާމުން ފޯރުކޮށްދޭ ފެނުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކ. ހުރާ ކައުންސިލާ ދެމެދު ވެފައިވާ ފަހުމުނާމާ އައުކޮށްފިއެވެ.
2024ވަނަ އަހަރު ފުރަތަމަ ސޮއިކުރެވުނު މި އެއްބަސްވުން އައުކުރުމުގެ މައިގަނޑު މަގުސަދަކީ، އެ ރަށުގެ ފެން އުފައްދާ ނިޒާމުން ފޯރުކޮށްދޭ ފެނަކީ ރައްކާތެރި، އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ފެންކަން ކަށަވަރުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ހުރާގެ ފެނުގެ ނިޒާމުން ނަގާ ސާމްޕަލްތައް މާލެ ގެނެސް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ލެބޯޓްރީގައި ތަހުލީލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިއްމު މަސައްކަތެކެވެ.
