ކ.ހުރާގެ މީރުފެން އުފައްދާ ނިޒާމުގެ ފެން ޓެސްޓްކުރުމާ ގުޅޭގޮތުން ކ.ހުރާ ކައުންސިލާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކ.ހުރާގެ މީރުފެން އުފައްދާ ނިޒާމުން ސަޕްލައި ކުރާ ފެނުގެ ކޮލިޓީ ދެނެގަތުމަށް ކ. ހުރާ ކައުންސިލް އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއި ކުރެވިފައެވެ. ކ.ހުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޔޫ.އާރ.އޭގެ ފަރާތުން ސޮއިކުރެއްވީ ޔޫ.އާރ.އޭގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ފިޒްނާ ޔޫސުފެވެ. އަދި ކ.ހުރާ ކައުންސިލްގެ ފަރާތުުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢީސާ އަޙްމަދެވެ.

ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކ.ހުރާ ކައުންސިލާއި ޔޫ.އާރ.އޭއާއި ގުޅިގެން ކ.ހުރާއަށް ފޯރުކޮށްދޭ ސަޕްލައި ފެން ޤަވައިދުން ސާންޕަލްކޮށް ޓެސްޓުކުރެވިގެންދާނެއެވެ. އަދި ސަޕްލައި ފެން ސާންޕަލް ކުރުމަށް ކައުންސިލް ތަމްރީނުކޮށް ގާބިލިއްޔަތުކަން އިތުރު ކުރެވިގެންދާނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ކ.ހުރާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހީގޮތުން ރައްކާތެރި، ބުއިމަށް އެކަށީގެންވާ، އަދި އެހެނިހެން ކަންކަމަށް ބޭނުންކުރަން ކަމުދާ ސާފު ފެންކަން ކަށަވަރުކުރުމެވެ.

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ގާނޫނު)ގެ ދަށުން، ރާއްޖޭގައި އާންމުބޭނުންތަކުގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނުގެ ހިދުމަތްތައް ދެމުން ގެންދަނީ އެކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެއްގޮތަށް ކަމާއި، ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޔޫ.އާރ.އޭގެ މައިގަނޑު އެއް ޒިންމާއެވެ. މިގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޖުމުލަ ތޭރަ ސަރަހައްދަކުން ކޮންމެ ދުވަހަކު ފެން ސާމްޕަލްކޮށް ޓެސްޓުކުރެވެއެވެ. މި މަސައްކަތް މާލެ ސިޓީ ނޫން ރަށްތަކުގައި ކުރިއަށް ގެންދެވިފައި ނުވަނީ އެކަން ކުރުމަށް ވަރަށް ގިނަ ގޮން ޖެހުންތަކެއް ހުރުމާއި އެކުގައެވެ. މިގޮތުން މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިމަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ދަތުރުފަތުރުގެ ނިޒާމުގެ ދަތިކަމެވެ.

މިއަދު ސޮއިކުރެވުނު ފަހުމުނާމާއާ އެކު މާލެ ސިޓީ ނޫން އެހެން ރަށްރަށުގައި ފެނުގެ ކޮލިޓީ މޮނިޓަރކުރުމުގެ މަސައްކަތް  ފެށިގެންދާނެއެވެ. ޔޫ.އާރ.އޭ.ގެ އުންމީދަކީ، މި މަސައްކަތް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމެވެ.