އަޅުގަނޑުމެން

ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ އަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން 13 ޑިސެމްބަރ 2020 ގައި ރައީސުލްޖުމުހޫރިއްޔާ އުފެއްދެވި ތަންފީޒީ އިދާރާއެކެވެ.

މި އޮތޯރިޓީ އުފެދުމާ ގުޅިގެން، ކުރިން ވަކިވަކި އިދާރާތަކުން ހިންގަމުންދިޔަ ޔުޓިލިޓީ ރެގިއުލޭޓަރީގެ މަސައްކަތްތައް މި އޮތޯރިޓީއަށް ބަދަލުކުރެވުނެވެ. މިގޮތުން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އުވާލެވި، އެ އޮތޯރިޓީން ކުރަމުންދިޔަ ކަރަންޓުގެ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތްތައް ވަނީ މި އޮތޯރިޓީއާ ހަވާލުކުރެވިފައެވެ. އަދި އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ކުރަމުންދިޔަ ފެނާއި ނަރުދަމާއާއި ކުނި މެނޭޖުކުރުމުގެ ޙިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ވެސް މި އޮތޯރިޓީއާ ވަނީ ހަވާލުކުރެވިފައެވެ.

މި އޮތޯރިޓީއާ ހަވާލިކުރެވިފައިވާ މަސައްކަތްތައްކުގެ ތެރޭން މި ވަގުތު މި އޮތޯރިޓީން ދެމުންދާ ޚިދުމަތްތައް ތިރީގައި އެވަނީއެވެ.

1. ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އޮޕަރޭޓިންގ ލައިސަންސް ދޫކުރުން

2. ސިނާއީ މަސައްކަތްތައް ކުރާފަރާތްތަކުން ބޭނުންކުރާ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަށް ހުއްދަ ދިނުން

3. ކަރަންޓް މަސައްކަތްކުރާ ފަރާތްތައްތަކަށް ލައިސަންސް ދިނުން

4. އެނަރޖީ އޮޑިޓަރުންނަށް ލައިސެންސް ދޫކުރުން

5. އާންމު ބޭނުންތަކުގެ ޚިދުމަތްތައްކާ ގުޅޭ ހަރުމުދަލާއި ފެސިލިޓީތައް ރަޖިސްޓްރީކުރުން

6. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅޭ ޑިޒައިންތައް ފާސްކުރުން

7. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކަސްޓަމް ޑިއުޓީ މާފުކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް ގޮތްނިންމުން

8. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ހުއްދަތަށް ދޫކުރުން

9. ޕަވަރ ސިސްޓަމް ފާސްކުރުން ކުރުން

10. ކޭބަލް ފާސްކުރުން

11. ޕެނަލްތައް ފާސްކުރުން

12. ޓްރާސްފޯމަރތައް ފާސްކުރުން

13. ބިމުން ފެންނަގައި، އެފެން ބޭނުންކުރުމުގެ ހުއްދަތައް ދޫކުރުން

14. ކުނިމެނޭޖް ކުރުމުގެ ހުއްދަތައް ދޫކުރުން

15. ސަބްސިޑީސް އާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅޭ ހުށަހެޅުން ތަކާގުޅޭ އެންމެހައި މަސައްކަތެއް ކުރުން

16. އާންމު ބޭނުންތަކުގެ ޚިދުމަތް ތަކަށް ޚިދުމަތް ހޯދާ ފަރާތުން ދެނެގަނެ އެންމެ މަތީއަގު ކަނޑައެޅުމުގެ ހުރިހާ ކަމެއް ކުރުން

17. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅުއެޅުން

ޢާއްމު ބޭނުންތަކުގެ ޚިދުމަތްތައް ދިވެހިރާއްޖޭގައި ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތާރީޚަށް ބަލައިލާއިރު، 1973 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާގެ ޤަރާރެއްގެ ދަށުން މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އުފައްދަވައި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ރެގިއުލޭޓް ކުރުމުގެ މެންޑޭޓް އެ އޮތޯރިޓީއާ ހަވާލުކުރެއްވުމާ ގުޅިގެން އެ ޚިދުމަތްތައް ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރަން ފެށިގެން ދިޔައެވެ. އަދި 2008 ވަނަ އަހަރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަމުގައި ތިމާވެށީގެ އެންމެހައި ކަންކަން ރެގިއުލޭޓްކުރުމަށް ތަންފީޒީ އިދާރާއެއް، ރައިސުލްޖުމުހޫރިއްޔާގެ ޤަރާރެއްގެ ދަށުން އުފައްދަވައި ކުރިން ހިނގަމުންދިޔަ  މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އެންމެހައި މަސައްކަތްތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަށަށް ބަދަލު ކުރެވިގެން ދިޔައެވެ. އަދި ކުނިމެނޭޖު ކުރުމުގެ ޚިދުމަތް ދިނުމަކީ އާންމުބޭނުންތަކުގެ ޚިދުމަތްތަކެއްގެ ގޮތުގައި ކަނޑައަޅައި އެ މަސައކަތް ރެގިއުލޭޓް ކުރުމުގެ ޒިންމާ އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ހަވާލުކުރެވުނެވެ.

 2006 ވަނަ އަހަރު ރައިސުލްޖުމުހޫރިއްޔާގެ ޤަރާރެއްގެ ދަށުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އުފައްދަވައި، ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ދެމުންދާ ކަރަންޓުގެ އެންމެހައި ޚިދުމަތްތަކެއް ދިނުން ރެގިއުލޭޓް ކުރުމުގެ މެންޑޭޓް އެ އޮތޯރިޓީއާ ހަވާލުކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގައި އާންމުބޭނުންތަކުގެ ޚިދުމަތްތައް ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓް ކުރަންފެށިގެން ދިޔައެވެ.