މެންޑޭޓް

ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ޢާންމު ބޭނުންތަކުގެ ޚިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން.

2. ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި ޢަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުން.

3. ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ޤާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.

4. ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެފަދަ ކަންކަން ހުއްޓުވުން.

5. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޛުކުރުމާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން.

6. ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން.

7. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

8. ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

9. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

10. ޢާންމު ބޭނުންތަކުގެ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޝަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

11. ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، އެފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން.

12. ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ ޢާންމު ގަވާއިދުތައް ޢާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން.

13. ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ޤާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން.

14. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުން.

15. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުން.

16. ޢާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިޝަންސީ ރަނގަޅުކުރުމަށް ބާރުއެޅުން.

17. މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ޤާއިމުކުރެވޭ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ޤާއިމުކޮށް ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން.

18. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ޝާއިޢުކުރުން.

19. ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން.

20. މި ޤާނޫނުގެ ދަށުން ނުވަތަ ޢާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާގުޅޭ އެނޫންވެސް ކަންކަން މި ޤާނޫނާއި ޢާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން.

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
21. މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

22. ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މަޢުލޫމާތު ޢާންމުކުރުން.

23. ޢާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ޞިނާޢީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާބެހޭ މަޢުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން.

24. ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން.

25. ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން.

26. ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، ޢާންމުކުރުން.

27. އޮތޯރިޓީން ތަންފީޛުކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން؛

28. ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުންދަނީ ކަމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.

29. މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

30. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާކަން ކަށަވަރުކުރުން.

31. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރު ކުރުން.

32. ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

33. ވިޔަފާރިއާއި ޢާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

34. ޢާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން.

35. ފެނާއި ނަރުދަމާގެ ޚިދުމަތާގުޅޭ އެންމެހައި މަޢުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން.

36. ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުން، މިގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެޝަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ޚިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން.

37. ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

38. ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ޢާންމު ފަރާތްތަކުން މިފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މަޢުލޫމާތު ހާމަކުރުން.

39. ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފްވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން

ރިފަރަންސް: ޔުޓިލިޓީ ރެގިއުލޭޓަރި އޮތޯރިޓީގެ މަސައްކަތްތައް – ރައިސޫލްޖުމްހޫރިއްޔާގެ އޮފީސް