އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ޤަޥާޢިދު އިފްތިތާޙުކުރެވިއްޖެ

ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭން ބޭރުން އެތެރެކުރާ އަގުބޮޑު، ތިމާވެއްޓާ ބީރައްޓެހި ވަސީލަތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ގައުމީ ފެންވަރުގައި އަމިއްލަ ފަރުދުންގެ ޙިއްސާ ބޮޑުކުރުމަށްޓަކައި، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަނެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން، “އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު” މިއަދު އިފްތިތާހު ކޮށްފިއެވެ. މިހަފްލާ އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤު އިބްރާހިމް އެވެ.

މިކަމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓުގެ އެންޑު އެނަރޖީގެ އިސްވެރިންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޔުޓިލިޓީ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ނެޓް މީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަތުމުން، ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ޖުމުލަ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން އަމިއްލައަށް އުފައްދައި، އެ އުފެއްދި ކަރަންޓުން ބޭނުންނުކޮށް އިތުރުވާބައި، ކަރަންޓުގެ ޚިދުމަތްދޭ ފަރާތުގެ ޑިސްޓްރިބިއުޝަން ވިއުގައަށް ފޮނުވުމުގެ ފުރުސަތު ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިގޮތުން ވިއުގައަށް ފޮނުވޭ ކަރަންޓު ޔުނިޓްގެ އަދަދު، ކަރަންޓު ބިލުން އުނިކުރެވިގެންދާނެއެވެ. އަމިއްލައަށް އުފައްދައި ވިއުގައަށް ފޮނުވާ ކަރަންޓު ޔުނިޓްގެ އަދަދު ބިލުން އުނިވެގެން ދިއުމުން، ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ކަރަންޓު ބިލަށް ފައިސާ ދައްކަންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.

މި ޤަވާއިދު އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އިޢާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް މަގުފަހިކުރުމުގެ ގޮތުން ދާދިފަހުން ބޭންކު އޮފް މޯލްޑިވްސް ގެ ފަރާތުން ބީއެމްއެލް ގްރީން ފަންޑުގެ ނަމުގައި 5 ލައްކަ ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފްކޮށްފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

ނެޓް މީޓަރިންގ ޤަވާޢިދު ބެއްލެވުމަށް މި ލިންކަށް ފިއްތާލައްވާ