ކަރަންޓުގެ ޚިދުމަތުން ނަގާ އަގު ފާސްކުރުމުގައި ގެންގުޅޭނެ ޢުސޫލުތަކާއި ބެހޭ މައުލޫމާތު ޚިދުމަތް ދޭ ފަރާތްތަކާއި ހިއްސާކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ

މޯލްޑިވިސް އެނާރޖީ އޮތޯރިޓީގެ ފަރާތުން މިހާރު އެކުލަވާލަމުންދާ ކަރަންޓުގެ ޚިދުމަތުން ނަގާ އަގު ފާސްކުރުމުގައި ގެންގުޅޭނެ އުސޫލުތައް ޚިދުމަތް ދޭ ފަރާތްތަކާއި ހިއްސާކުރުމަށް 13 އޯގަސްޓް 2013 ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ. މިބައްދަލުވުން ބޭއްވުނީ ސްޓެލްކޯ އާއި ފެނަކަ ގެ މައި އޮފީހުގައި އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ ފަރާތުން މި މަޝްރޫއަށް ކަނޑައަޅުއްވާފައިވާ ކޮންސަލްޓަންޓް މރ. ޖޯޖް ބަރޗަރ އާއި އެކު އެމް.އީ.އޭ ގެ ޓެކްނިކަލް ޓީމުން ބައްދަލުވުމުގެ ބައިވެރިންނަށް އަލަށް އެކުލަވާލެވެމުންދާ އުސޫލާބެހޭގޮތުން މައުލޫމާތު ދެއްވިއެވެ.

ރާއްޖޭގެ އިޤްތިޞޯދަށާއި ކަރަންޓްގެ ޚިދުމަތް ދިނުމުގެ ދާއިރާއަށް މިހާރު ބޮޑެތިބަދަލުތަކެއް އައިސްފައިވީނަމަވެސް، މި ކަންކަމަށް ރިޢާޔަށް ކުރެވިގެން ކަރަންޓުގެ ޚިދުމަތުން އަގު ނެގޭނެ ޒަމާނާ ގުޅޭ އައު އުސޫލުތަކެއް ކަންޑައެޅިފައެއްނެތެވެ. އެހެންކަމުން މި އަލަށް އެކުލަވާލެވެމުންދާ ޓެރިފް މެތޮޑޮލޮޖީގެ މައިގަނޑު މަޤުސަދަކީ ކަރަންޓް ހެޔޮގޮތުގައި އުފެއްދުމާއި އަދި ބޭނުންކުރުމަށް ބާރުއަޅައި ރާއްޖޭގައި ޢިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް އެހީތެރި ވުމެވެ.

އައު މެތަޑޮލޮޖީ އެކުލަވާލުމުގައި އިސްކަންދެވުނު ކަންކަންމުގެ ތެރޭގައި ޚިދުމަތް ދޭ ފަރާތްތަކުން ޚިދުމަތް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްތައް ރިކަވާރކުރެވޭނެ ގޮތެއް ހޯދައި ދިނުމުގެ އިތުރުން، ކަރަންޓުގެ ޚިދުމަތުގެ ފުރިހަމަ އަގު އަދާކުރަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުންވެސް ހިމެނެއެވެ.

އެނަރޖީ އޮތޯރިޓީގެ އަމާޒަކީ މި އަލަށް އެކުލަވާލެވޭ އުސޫލުގެ ދަށުން މިހާރު ކަރަންޓުގެ ޚިދުމަތުން ނެގޭ އަގު މިއަހަރު ނިޔަލަށް މުރާޖަޢާކޮށް ނިންމައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅެމެވެ.